ވިޔަފާރިސަރުކާރު

ކޮރަލް ބްލެވާޑް ރަސްފަންނުން ހުޅުމާލެއަށް

ކޮރަލް ބްލެވާޑްގެ ނަމުގައި ރަސްފަންނު ސަރައްދުގައި ސިންގަޕޫރުގެ ކުންފުންޏަކުން ހިންގަން އުޅުނު ބޮޑު މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

މި މަޝްރޫޢު މާލޭގައި ހިންގުމާއި ދެކޮޅަށް ރައްޔިތުންގެ ޝުއޫރުތައް ވަނީ ސޯޝަލް މީޑިޔާގައި އާއި އެކި ފޯރަމް ތަކުގައި ފާޅު ކޮށްފައެވެ. އަދި މި ޕްރޮޖެކްޓަކީ ވަރަށް ބޮޑަށް ކޮރަޕްޝަން އެކުލެވިގެންވާ ޕްރޮޖެކްޓެއް ކަމަށް ގަބޫލުކޮށް، މި ޕްރޮޖެކްޓާއި ދެކޮޅަށް އަޑު އުފުލުން ދުވަހަކަށް ދުވަހަކު ދަނީ އިތުރު ވަމުންނެވެ. 

މި ޕްރޮޖެކްޓް މާލޭގައި އެޅުމަކީ މާލޭގެ ބޮޑުވެފައިވާ ތޮއްޖުމުގެ މައްސަލަ އިތުރަށް ބޮޑުވެ، ކާރޫ ބާރޫ ބޮޑުވެގެންދާނޭ ކަމެކެވެ.

ކޮރަޕްޝަންގެ މުއާމަލާތްތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ހެދި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ހިންގަން ހުއްދަދިން މަޝްރޫއުގައި މަތީ ފެންވަރުގެ 350 އެޕާޓްމަންތްގެ އިތުރުން ފިހާރަތަކާއި ކުޅިވަރު ކުޅޭ ތަންތަން ވެސް ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން މިހާރު ނިންމާފައިވަނީ މާލޭގައި އިތުރު ހައުސިން ޕްރޮޖެކްޓްތައް ނުހިންގާ ގޮތަށެވެ. އެގޮތުން ކޮރަލް ބްލެވާޑްގެ ޕްރޮޖެކްޓް ހުޅުމާލެއަށް ބަދަލު ކުރަން ނިންމައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

ނަމަވެސް އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ރަސްފަންނު މިކްސްޑް ޔޫޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ތާޖުއްދީން ސްކޫލް ފުރަގަހުގައި ހަދަން ނިންމި ހަތަރު ޓަވަރަކީ 25- 28 ބުރީގެ އިމާރާތްތަކެކެވެ. އޭގެ ތެރޭގައި 128 ކޮޓަރި ހިމެނޭ ފަސް ތަރީގެ ހޮޓަލެއް ވެސް ހިމެނެ އެވެ.

އެ ފްލެޓް އަޅަން ނިންމާފައި ވަނީ އައިޖީއެމްއެޗާ ދިމާލުގައި ކުރިން އޮތް ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދު އޮތް ސަރަހައްދުގަ އެވެ. އެ މަސައްކަތް ކުރިޔަށް ގެންދަން އެ ސަރަހައްދު ބަންދުކޮށްފައި އޮންނަތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.

މަޝްރޫއުގެ އަމަލީ ބައެއް މަސައްކަތްތައް ފެށުމުގެ އިތުރުން އެޕާޓްމަންޓްތައް ވިއްކަން ވެސް ވަނީ ހުޅުވާލައިފަ އެވެ. އެ އިމާރާތުގެ ނަމޫނާއެއް އެސްޓީއޯ ހެޑް އޮފީހާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އޮންނަ ހުސް ބިމުގައި ވަނީ ބަހައްޓައިފަ އެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ޗަންހުއާ އަށް އެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމުމަށެވެ. އަދި އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން ޖެހެ އެވެ. އެ ޕްރޮޖެކްޓްގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

މިހާރުގެ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަން ފެށުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެ ސަރަހައްދުގައި އޮލިމްޕިކް ސައިޒްގެ ޕޫލެއް އެޅުމުގެ ވާހަކަ ވަނީ ދެކެވިފައެވެ.

އިތުރަށް

ގުޅޭ ލިޔުންތައް

avatar