ޚަބަރުސަރުކާރުސިޔާސީ

އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ 13 ގަވައިދެއް ހަދަން އަމުރުކޮށްފި

އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ 13 ގަވާއިދެއް އަންނަ މާޗް މަހުގެ ނިޔަލަށް ހެދުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން މި އަމުރުކުރީ މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަ ކުއްޖަކު ނިޔާވި ހާދިސާއާއި ގުޅިގެން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އިމާރާތްކުރުމުގެ ގަވާއިދުތައް ހަދަން ދައުލަތުގެ މައްޗަށް އަމުރެއް ނެރެދިނުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލުންތަކެކެވެ.

މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ވިޝާމް އެންޑް ކޯ އެލްއެލްޕީ އާއި، ރިޒާ ޝަފްޒީން އެންޑް ކޯގެ އިތުރަށް ބައެއް ވަކީލުން ވެސް ބައިވެރިވެގެންނެވެ،

މިމައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރުގައިވަނީ އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ 13 ގަވާއިދެއް މާޗް މަހުގެ ނިޔަލަށް ހަދަން އަމުރުކުރުމުގެ އިތުރަށް ބިލްޑިން ކޯޑާއި އިމާރާތް ކުރުމުގެ ސަލާމަތީ މިންގަނޑުތަކާ ބެހޭ ގަވާއިދު ވެސް މިމަސް ނިމުމުގެ ކުރިން ހެދުމަށް އަމުރުކޮށްފަ އެވެ.

މާލޭގައި މަގުމަތިން ހިނގާފައިދިޔަ ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އެކުއްޖާ ނިޔާވި ހާދިސާގައި ގިނަ ބައެއްގެ ޝަކުވާތަކެއް ވަނީ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފަ އެވެ. އަދި ޕްލޭނިން މިނިސްޓްރީ އާއި މާލޭސިޓީ ކައުންސިލް ގުޅިގެން، މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓްތަކުގެ ސަލާމަތީ ކަންކަން އިންސްޕެކްޓް ކުރުމުގެ މަސައްކަތްތަކެއްވެސް ފެށި އެވެ. އަދި އިމާރާތް ކުރުމުގެ ގަވައިދުތަކާއި އުސޫލުތަކާ ޚިލާފަށް މަސައްކަތް ކުރާނަމަ އެކަން ހުއްޓުވާނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ނަމަވެސް އަދިވެސް މާލޭގައި މަސައްކަތް ކުރަމުންދާ ގިނަތަންތަނުގައި މަސައްކަތް ކުރަމުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫނެވެ.

އިތުރަށް

ގުޅޭ ލިޔުންތައް

avatar