ޚަބަރުރިޕޯޓްސްމުނިފޫހިފިލުވުންދުނިޔެސިޔާސީ

މިރޭވެސް ގާސިމްގެ ހޫނު ހަމަލާތަކެއް ނަޝީދަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ރައީސް ނަޝީދަށް އަމާޒު ކުރައްވާ ގާސިމް ވާހަކަ ދެއްކެވީ ނަން ބޭނުން ނުކުރައްވަ އެވެ. ނަމަވެސް އެ ހަމަލާތައް އަމާޒު ކުރެއްވީ ސީދާ ރައީސް ނަޝީދަށްކަން ވަރަށް ސާފެވެ. މީގެ ކުރިންވެސް ވަނީ ކެމްޕެއިންތަކުގައި ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ގާސިމް ރައްދު ދެއްވާފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މިރޭ ކާނަލް ނާޒިމަށް ވޯޓް ދިނުމަށް ގޮވާނުލާނެ ކަމަށާއި އެކަން ކުރައްވާނީ ޖުމްހޫރީ ޕާޓީިގެ ކައުންސިލުން ނާޒިމަށް ޓިކެޓް ދެއްވުމުން ކަމަށެވެ. އެހެން ނޫންނަމަ ވެގެންދާނީ ޑިމޮކްރަސީގެ ނަމުގައި ޑިކްޓޭޓާޝިޕް ހިންގުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

“ރޭގަވެސް ތަނެއްގައި ބޭއްވި ބައްދަލުވުމެއްގައި އެތައް ބައިވެރި ބަޔަކު ކުރިމަތި ލައިގެން އެބަތިބި ޕްރައިމަރީއަށް، މިވެނި މީހަކަށް ވޯޓް ދޭށޭ ބުނީމާ ޑިމޮކްރަސީ ދިރުވަނީއޭ ކިޔައިގެން ކުރެވޭ ކަންތައް އިނގޭބާ، މިއީ ކޮންކަހަލަ ޑިމޮކްރަސީގެ ވާހަކައެއްތޯ މިދައްކަނީ، މިއީތޯ ޑިކްޓޭޓާޝިޕޭ ކިޔާ އެއްޗަކީ، މިއީތޯ ހޭބުއްދި ސަލާމަތުން ހުރި މީހަކު ދައްކާވާހަކައަކީ، ދައްކާ ވާހަކަ ދެކޮޅު ޖައްސަންވެސް އިނގެން އެބަޖެހޭދޯ،” ގާސިމް ވިދާޅުވި އެވެ.

ރޭ ވަނީ އެމްޑީޕީ ޕްރައިމަރީގައި މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ހަތަރު ކެންޑިޑޭޓުން އެކުގައި ކެމްޕެއިން ޖަލްސާ ބާއްވާފަ އެވެ. އެޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވާފައިވަނީ ނަޝީދެވެ.

ގާސިމް ވަނީ އެޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަތަކަށްވެސް ނުސީދާ ގޮތެއްގައި ރައްދު ދެއްވާފަ އެވެ. އެޖަލްސާގައި ނަޝީދު ވިދާޅުވީ، ކައިވެނީގެ ބޭރުން ދަރިން ހޯދާ ހޯދުމަށް އޮތް ހައްލަކީ ނުވިހާ އޮޕަރޭޝަން ކުރެވޭ ގޮތް ހެދުން ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި މިހާރު ކައިވެނި ނުކޮށްތިބޭ މީހުންނަށް އެކަން ކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ. އަދި އެގޮތަށް އެކަން އޮވެގެން ނުވާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީން މަސައްކަތް ކުރާނީ އިސްލާމީވަންތަކަން ދަމަހައްޓައި ނަގަހައްޓައި ގެންދާ އުސޫލުން ފިރިހެނުންނާއި އަންހެނުންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ހަދަމުން ކަމަށެވެ.

“އުމުރުން ނުވަ އަހަރު ނުވަތަ 10 އަހަރު ވާއިރު ބައެއް އަންހެން ކުދިން ބާލިގްވޭ، އެހާހިސާބުން ފެށިގެން އެމީހުން ބާތް ކޮންޓްރޯލް ކުރާށެކޭ އަޅުގަނޑު ދަންނަވާކަށްނޫން، އަޅުގަނޑު އެއް ގޮތަކަށްވެސް ދަންނަވާކަށް ނެތީމު، ﷲ ހައްދު ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ މައްޗަށް އަރައިގަނެ އަޅުގަނޑުމެންގެ އޮތް އަހުވަންތަކަމާއި އަޅުގަނޑުމެންގެ އޮތް އެއްބައިވަންތަކަމާއި އިސްލާމްދީން ފުނޑު ފުނޑު ކޮށްލަން، އެވާހަކަ ދައްކާކަށް ނޫން ހިތްވަރު ދޭނީކީ،” ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ވަކި ޕާޓީއަކަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ ވެގެންދާ ގޮތް މާޒީއިން އިބްރަތް ލިބިގަނެގެން ގޮސްފި ކަމަށެވެ. އަދި މަޖިލިސް މެންބަރުން ގަނެ ވިއްކާ ފަރާތްތަކަކީ ކޮބައިކަންވެސް މީގެ ކުރިން ފެނިގެން ގޮސްފައިވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައިވެސް އިސްލާމީ އަސްލަކާއި ހިލާފް ވާހަކައެއް ދެއްކުމަކީ ކަނޑައެޅިގެން ހުރި ކުށެއް ކަމަށެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައި ގާސިމް ވިދާޅުވީ، މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް މީހުންނަށް އަނިޔާވެރިވާނަމަ އަޑުއުފުލާނެ ކަމަށެވެ. އެއީ އަދާވާތްތެރިއެއް ކަމަށްވީ ނަމަވެސް އަޑު އުފުލާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދިޔަ މިދިޔަ ސަރުކާރުން، އެހެން ނަމަވެސް އަޅުގަނޑު މިދަންނަވަނީ އަބުދުﷲ ޔާމީންގެ މައްޗަށްވެސް އިންސާފުގެއަށް ދާންވާނީ މާތްﷲ އަންގަވާފައިވާ ގޮތަށް، ﷲ އަންގަވާފައިިވަނީ އިހުސާންތެރިވުމަށް، އެއީ ތަހްގީގީ މަރުހަލާއަށް ވިޔަސް، ޝަރުއީ މަރުހަލާގައި ކަމުގައި ވިޔަސް، އެއީ އަބުދުﷲ ޔާމީނަށް ވިކިގެން އަޅުގަނޑު އުޅޭތީކީއެއްނޫން،” ގާސިމް ވިދާޅުވި އެވެ.

މި ހަފްތާގައިވެސް ގާސިމް ވަނީ ޔާމީނަށް ހައްގުތައް ކަށަވަރު ކޮށްދީ، ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޔާމީންގެ ޕާޓީ އުފެއްދުމަށްވެސް ހުރަސް ނޭޅުމަށްވެސް ގާސިމް ގޮވާލާފައި ވެއެވެ.

އިތުރަށް

ގުޅޭ ލިޔުންތައް

avatar